ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ އުއްމީދުތަކަކީ ޙަޤީޤަތަކަށް ނުވާނެ "ނަނާ ހުވަފެނެއް" ކަމަށާއި، އެ ފުރުޞަތު އެއްވެސް ހާލެއްގައި ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިގެން ކާމިޔާބު ކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު މިރޭ ދަންނަވައިލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތި ބޭފުޅުންނަކަށް ނުނެންގެވޭނެޔޭ، އެކަން ކުރަން އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭނަމޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހެޅީ، ނާޒިމާއެކު އެ ޕާޓީގެ 23 މެންބަރަކު ރައީސް މުޢިއްޒާ ދެކޮޅަށް ތެދުވަން އުޅޭތީ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީކުރުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެދެވޭ މަސައްކަތްތަކެއް ފެންނަމުން ނުދާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ހިތަދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) އިންތިޚާބުވީ ނަމަވެސް، މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް އިތުރަށް ކުރެވޭނެ މާ ބޮޑު ކަމެއް އޮތްކަމަކަށް ގަބޫލެއް ނުކުރެއްވެއެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި 'ބޮޑު ބަދަލު' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ނާޒިމްގެ މައްޗަށް ވެރިކަންކުރާ ޕީއެންސީގެ އިތުބާރު ގެއްލެން މެދުވެރިވި އަސްލު ސަބަބު އެ ޕާޓީން އަދިވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް، އެއީ މަޖިލީހުގެ 23 މެންބަރުން ނާޒިމާ އެކު ޕާޓީ ބަދަލުކުރަން އުޅުއްވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެންގެވުމަށް މަސައްކަތް ކުރެއްވުމާ ގުޅިގެން ހިނގައިދިޔަ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރެވޭނީ މިހާރުގެ ސަރުކާރަށް ކަމަށް ވިދާޅުވަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއިކުރާނެ މެންބަރަކު މަޖިލީހަށް އިންތިޚާބު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.




