މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަލްފާޟިލް އަބްދުލްމަޖީދު އަލީ އަދި ބޯޑު މެންބަރުކަމަށް އަލްފާޟިލް ޔާމީން އިދުރީސް އައްޔަންކުރައްވައިފިއެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ރިޔާސަތާ ހަވާލުވެވަޑައިގަތް އަބްދުލް މަޖީދު އަލީއަކީ މީގެ ކުރިންވެސް އެ ބޯޑުގައި އަމިއްލަ ދާއިރާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އޮޕްޓިމޯ އެލްއެލްޕީގެ ޕާޓްނަރެއްގެ އިތުރުން، އޭނާއަކީ ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯން ފަދަ މާލީ އިދާރާތަކުގައި މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ބޯޑުގެ އާ މެންބަރު ޔާމީން އިދުރީސްއަކީ ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަމާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޭނާ ވަނީ ފުރުއްވާފައެވެ. ޕެންޝަން ބޯޑަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ އަމިއްލަ ވިޔަފާރީގެ ދާއިރާގައެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އިނާޒް މަގާމުން ވަކިވެވަޑައިގަތީ ޕެންޝަން ފަންޑުގެ ފައިސާ ސަރުކާރުގެ ބޮންޑުގައި އިންވެސްޓްކުރުމާ ގުޅޭގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކުގައި، ދެމެހެއްޓެނިވި ހައްލެއް ނުފެންނަ ކަމަށް ބަޔާންކުރެއްވުމަށްފަހުއެވެ.
އާ ޗެއާޕާސަނަކު އައްޔަންކުރެވުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި، ކުރިއަށް ގެންދިޔަ ސިލްސިލާ މަރުހަލާތަކަށް ފަހުގައެވެ.




