ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ހުންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ޓީވީ އަދި ރޭޑިއޯ ޓްރާންސްމިޝަން މަރުކަޒެއް ފުލުހުން ރެއިޑްކޮށް، ދިވެއްސަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ލަންކާ މީހެކެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަރުކަޒު ހިންގަމުން ގޮސްފައިވަނީ އާޓިޑިޔާ ސަރަހައްދުގައި ހުންނަ ޓްރެވެލް ކުންފުންޏެއްގެ އޮފީހެއްގެ ނަމުގައެވެ.
މި ރެއިޑްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ އަގު ގާތްގަނޑަކަށް 50 މިލިއަން ލަންކާ ރުޕީސްއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި، ސެޓެލައިޓް ޑިޝްތަކާއި، ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ސްޓާލިންކް ޔުނިޓެއްގެ އިތުރުން ޓްރާންސްމިޝަންއަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް ހިމެނެއެވެ.
ފުލުހުންގެ ފުރަތަމަ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި މަރުކަޒުން ވަނީ އަމިއްލަ ޓެލެކޮމް ކުންފުންޏެއްގެ ޑޭޓާ ބޭނުންކޮށްގެން، ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑްކޮށްފައެވެ.
އަދި މި ޗެނަލްތައް ސްރީލަންކާގެ އިތުރުން ރާއްޖެއާއި އެހެނިހެން ގައުމުތަކުގެ ކަސްޓަމަރުންނަށް ގަވާއިދާ ހިލާފަށް ފޯރުކޮށްދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައި ނުވިނަމަވެސް، ލަންކާ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



