'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި ޝަހްޒާނާއި ލީވާން ޖަލަށްލުމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ޝަހްޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރިއިރު، ލީވާނަށް އިއްވީ 10 ދުވަހުގެ ޖަލު ހުކުމެކެވެ. ޝަހްޒާންގެ މައްޗަށް މި ފިޔަވަޅު އެޅީ، އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައުޟޫއަށް ސުވާލުކުރުމާ ގުޅިގެންނެވެ. ލީވާން ޖަލަށްލުމަށް ނިންމީ، ކޯޓު އަމުރާ ހިލާފަށް "އަދަދު" ނޫހުގައި އެ މައްސަލައާ ގުޅޭ ރިޕޯޓެއް ޝާއިއުކުރުމުންނެވެ.
"އަދަދު" ނޫހުގެ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ، އެ މައްސަލާގައި ކޯޓުން ވަކިގޮތެއް ނިންމަންދެން، އެ ވީޑިއޯ އާންމުންގެ ތެރޭގައި ފެތުރުން މަނާކޮށްފައެވެ.
މީގެ އިތުރުން، އެ ޑޮކިއުމެންޓްރީގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތްތަކާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން އެންމެހައި ފަރާތްތަކަށް ވަނީ މަނާކޮށްފައެވެ.




