މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމުގެ މަޤާމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް އާޝިޔަތު އަލައިކާ އަދުނާނު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަންކުރައްވައިފިއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް ބައި-އިލެކްޝަންގައި އަލައިކާ ވާދަކުރެއްވީ މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްކަމުގެ މަޤާމަށެވެ. އެ އިންތިޚާބުގައި 3,181 ވޯޓުގެ ތަފާތުން އެ މަޤާމު ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަލައިކާ އައްޔަންކުރައްވާފައިވާކަން އެނގިފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރަސްމީކޮށް އަދި އެއްވެސް ބަހެއް ވިދާޅެއް ނުވެއެވެ.
ފަހަކަށް އައިސް ބޭއްވުނު އިންތިޚާބުތަކުގައި ސަރުކާރަށް ލިބުނު ނަތީޖާތަކަށްފަހު، ސަރުކާރުގެ އެކި ދާއިރާތަކަށް ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރެވެއެވެ.



