ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މީޑިއާ އާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި މި ސަރުކާރާ ކަނޑައެޅިގެން ދެކޮޅުކަމަށް ބުނެފައިވާ ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ހީލަތްތެރި ފިތުނަވެރި މަސައްކަތެއް ކަމަށެވެ.
"ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުން. ކޮންމެ ހަފްތާއަކު އެއްދުވަހު އެބަ ނޫސްވެރިންނާ ބައްދަލުކުރައްވާ. މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ މަޢުލޫމާތުތައް އެބަ ޙިއްސާކުރައްވާ. މިނިވަން ނޫސްވެރިކަމަށް ދެއްވަންޖެހޭ ޖާގަ އެބަދެއްވާ. ހަމައެއާއެކު ޝަރުއީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމާއި، އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އަމުރުތަކަށް ގޮންޖަހައި މަސައްކަތްކުރުމުގެ ޖާގަނުދީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް. އެމަނިކުފާނު އަދާކުރެއްވީ އެ ޒިންމާ"، ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލާ، ކޯޓުތަކުން ކުރާ އަމުރުތަކަށް ގޮންޖަހާ ހިތުހުރި ގޮތަކަށް ނޫސްވެރިން ޢަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ކަންތައްތަކެއްގެ މައްޗަށް އެމަނިކުފާނަށް ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ބައެއް ނޫސްވެރިން ޤަބޫލުކުރާކަމީ އެ ނޫސްވެރިން ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާއި އަސާސްތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ.
"އަދަދު ނޫހުގެ ނޫސްވެރިޔާގެ ފަރާތުން ފެނުނީ މި ދެންނެވި އަސާސްތަކާ ޚިލާފަށްކުރި ދަށުދަރަޖައިގެ ޢަމަލެއް. ނޫސްވެރިކަމުގެ ތޮފި އަޅައިގެން ބައެއް ނޫސްވެރިން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ، ހުތުރު ޢަމަލުތަކަކީ ހަމައާއި އުޞޫލުގެ މަތިން މަސައްކަތްކުރާ ޒިންމާދާރު ނޫސްވެރިންގެ މަސައްކަތަށްވެސް އެޅޭ ހުރަހެއް"، ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެ ކަމަށާއި، އެމަނިކުފާނަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ ޒިންމާދާރު، ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއް ކަމަށެވެ.



