'އައިޝާ' ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަތައް ނުފެތުރުމަށާއި އެފަަދަ އެއްވެސް މައުލޫމާތެއް އާންމުނުކުރުމަށް ކްރިމިނަލް ކޯޓުން ނެރުފައިވާ އަމުރާ ހިލާފުވި މައްސަލާގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު މާދަމާ އެ ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
މާދަމާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ، އެ ނޫޙުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު އަދި މުހައްމަދު ޝަހުޒާނަށެވެ. ލީވާނަށް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ، އެ އަމުރާ ހިލާފަށް ހަބަރެއް ލިޔެފައިވާތީ އެވެ. އޭނާ ކޯޓަށް ހާޒިރުވާން ޖެހޭނީ މާދަމާ މެންދުރު 11 ޖަހާއިރަށެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވާން ޖެހެނީ މާދަމާ މެންދުރު 1 ޖަހާއިރެވެ. ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝަހުޒާން ކޯޓަށް ހާޒިރުވާން އެންގީ، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުހައްމަދު މުއިއްޒަށް ކުރާ ތުހުމަތުތަކަށް ބާރުލިބޭ ފޯން ކޯލުތަކެއްގެ ތަފްސީލުތަކެއް އެބަހުރި ކަމަށް ބުނެ، އެ ތަފްސީލުތައް އިއްވައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރު ނެރެފައިވަނިކޮށް އެ ސުވާލުކުރުމުން ނޫސްވެރިންގެ ބައްދަލުވުމުން ވެސް އޭނާ ވަނީ ނެރެފަ އެވެ.
އަދަދު ނޫހުން މި ޑޮކިއުމެންޓްރީ ހަދައި އާންމުކުރި މައްސަަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އޭގެފަހުން އިއްޔެ އެ ކޯޓުން ނެރުނު 'ގެގް އަމުރެއް' ގައި އަންގާފައިވަނީ، އެ ޑޮކިއުމެންޓްރީ ނުފެތުރުމަށާއި އެކަމާގުޅޭ އެއްވެސް މައުލޫމާތެއް ސީދާ އަދި ނުސީދާގޮތުން ވިޔަސް ނުފެތުރުމަށެވެ. އަދި، އެ މައްސަލައިގެ އަޑުއެހުމަކީ ސިއްރު އަޑުއެހުމަކަށްވާތީ، އެ ޝަރީއަތުގެ އެއްވެސް މައުލޫމާތެއް ވެސް އާންމުނުކުރުމަށް އަމުރުކޮށްފައިވެ އެވެ.




