މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިރޭ 9:30 އިން މެންދަމު 3:30 އާ ހަމައަށް، ފުވައްމުލަކުން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ.
މެޓް އޮފީހުން މާދަމާ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރާސްތަކަށް ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވެއެވެ.
މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިބާރުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ވަނީ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށްވެސް ލަފާކޮށްފައެވެ.



