އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާ އުފުލައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ.
އޭސީސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، 2014 ފެބްރުވަރީން ފެށިގެން 2015 އޮކްޓޫބަރުގެ ނިޔަލަށް ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް، އެސްއޯއެފް މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އެގޮތުން 13 ޖުލައި 2015 ގައި 150,000 އެމެރިކާ ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. މި ފައިސާއަކީ ބޭރު ފައިސާ ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު އެއްޗެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށް، ފައިސާގެ އަސްލާއި އޭގެ ހަގީގަތް އޮޅުވާލަން އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
މީގެއިތުރުން، ތ. އޮޅުގިރި ކުއްޔަށް ހިފުމަށް ދައްކާފައިވާ އެކުއިޒިޝަން ކޮސްޓަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ހާމަކުރިއެވެ. އެ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުން، 36 މަސްދުވަހުގެ ތެރޭގައި ރިޒޯޓެއް ތަރައްގީކޮށް ނިންމަން ޖެހެއެވެ. ނަމަވެސް، އެ މުއްދަތުގައި މަސައްކަތް ނިންމާފައި ނުވާތީ، އެއްބަސްވުން ބާތިލްކުރުމުގެ ނުވަތަ ޖޫރިމަނާ ކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް އޮތް ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ކަންކަން ގޮސްފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާކުރަން ފޮނުވިއިރު، އެ ކުންފުނިން ހޯދި 150,000 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށްވެސް ވަނީ އެދިފައެވެ. އަދި އޮޅުގިރި ތަރައްގީކުރުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެ ރަށް އަނބުރާ ދައުލަތަށް ނެގުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް އެންގުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.



