"އަދަދު" ނޫހުން އުފެއްދި ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
އާންމު އުސޫލުން ވެސް މިފަދަ ބާވަތުގެ މައްސަލަތައް ކޯޓުތަކުގައި ކުރިއަށް ގެންދަނީ އާންމުންނަށް ހުޅުވާނުލައެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ޑޮކިއުމެންޓްރީގައި ހިމެނޭ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށް އަންގައި، އާންމުންގެ މައްޗަށް އަމުރެއް ނެރެފައެވެ.
މި މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން، ދެ ބޭފުޅުންވެސް އިޚްތިޔާރު ކުރެއްވީ ހަނުހުރުމުގެ ހައްގު ބޭނުންކުރެއްވުމަށެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ ސިޔާސީ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.



