ސިފައިންގެ ވަކި ރޭންކެއްގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން ޚިދުމަތުން ވަކިވާންޖެހޭ ގޮތަށް މިހާރު އޮތް އުސޫލު އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، އިޚްލާޞްތެރިކަމާއެކު ގައުމަށް ޚިދުމަތްކުރާ ސިފައިންނަށް، ރޭންކުގެ މުއްދަތު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވާންޖެހޭ އޮތް އޮތުން ބަދަލުކޮށް، ސިފައިންގެ ޚިދުމަތުގައި ދެމިތިބެވޭނެ މަގު ފަހިކޮށްދެއްވާނެއެވެ.
މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން، ވަކި ރޭންކެއްގައި ހުރެ ކުރިއެރުން ނުލިބި މުއްދަތު ހަމަވެއްޖެނަމަ މަގާމުން ވަކިވާން ޖެހެއެވެ.
މީގެ އިތުރުން، ސިފައިންގެ ރިޓަޔަރަމަންޓް ގަވާއިދަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ 30 އަހަރާއި 35 އަހަރު ޚިދުމަތްކުރާ މީހުންނަށް ލިބޭ އިނާޔަތްތަކުގައި މިހާރު ތަފާތެއް ނެތުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ސިފައިންގެ ކޮންމެ މީހަކަށްވެސް އެމީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދެއްގެ އޭރިއާ ކޮމާންޑެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



