ކުޑަކުދިންނަށް ދެވޭނެ އެންމެ މަތިވެރި ލޯތްބަކީ، އެކުދިންނަށް އިސްލާމީ ސައްހަ އަގީދާ އާއި ދުނިޔަވީ އިލްމު އުނގަންނައިދީ، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގެ އެންމެހާ ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ވަނީ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންގެ އުމުރާ ގުޅޭގޮތުން ދީނާއި ދުނިޔޭގެ ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ، ސަރުކާރާއި މުޅި މުޖުތަމައު ގުޅިގެން އުފުލަންޖެހޭ ގައުމީ ބޮޑު މަސްއޫލިއްޔަތެކެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުދިންނަށް ހަގީގީ ލޯބި ދިނުމަކީ، މާދަމާގެ ޒިންމާދާރު ބަޔަކަށް އެކުދިން ހެދުމަށްޓަކައި ބޭނުންވާ ގާބިލުކަން ހޯދައިދިނުމެވެ.
މީގެ އިތުރުން، ކުޑަކުދިންގެ މަޢުޞޫމްކަމަށް އުނިކަން އަތުވެދާނެ އެއްވެސް ބަހަކަށް ނުވަތަ އަމަލަކަށް އެއްވެސް ފަރާތަކުން ޖާގަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހެވެ.



