މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދިޔަ 250 އަށްވުރެ ގިނަ ބިދޭސީން ކަމާބެހޭ މުއައްސަސާތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ މަރުހަލާގެ ދަށުން، ބަޔޯމެޓްރިކްސް މައުލޫމާތު ފުރިހަމަނުކޮށް އުޅޭ މީހުން ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މި އޮޕަރޭޝަނުގައި އިމިގްރޭޝަނާއެކު ފުލުހުންނާއި، އެމް.އެފް.ޑީ.އޭ އަދި ކަމާގުޅޭ އެހެން އިދާރާތަކުން ބައިވެރިވިއެވެ.
ދެ ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 639 ތަނެއް ބަލައި ފާސްކުރިއިރު، އުސޫލުތަކާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ވަނީ ބަންދުކޮށްފައެވެ.
މި ހަރަކާތުގެ ތެރެއިން 1344 ބިދޭސީންގެ މައުލޫމާތު ޗެކްކުރިއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު 254 މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 219 ފިރިހެނުންނާއި 35 އަންހެނުންނެވެ.
ސަރުކާރުން މިހާރު ވަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވައި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ބައެއް ބިދޭސީންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާ އޮތް ނަމަވެސް، ހުއްދަ ދީފައިވާ ދާއިރާ ނޫން އެހެން މަސައްކަތްތަކުގައި އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. އަދި "އޯޕަން ވިޒާ" ގެ ނަމުގައި ގަވާއިދާ ހިލާފަށް އަމިއްލަ ވިޔަފާރިކޮށްގެން ބޮޑު އާމްދަނީ ހޯދާ ބިދޭސީން އިތުރުވަމުންދާތީ، މިކަމުގައި ވަޒީފާދޭ ފަރާތްތަކާއި އާންމުން ޒިންމާދާރުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.



