އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އެމްޓީސީސީގެ ޓެކްސީ ލައިން އެޕްލިކޭޝަނަށް އެޕަލް އެޕް ސްޓޯރުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިވަގުތު މި ޚިދުމަތް ފޯރުކޮށްދެމުންދަނީ ވެބް ބޭސްޑް އެޕްލިކޭޝަނެއްގެ އެހީގައި ކަމަށްވީ ނަމަވެސް، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސީދާ ބުކިން ހެދޭނެ ގޮތް ހަމަޖެހުމުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުން. ކޮންމެ ފަރާތަކުން ޚިދުމަތެއް ފެށިކަމުގައި ވިޔަސް، ފެށުމުގައި އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެ. އެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ވުޒާރާއާއި އެމްޓީސީސީ ގުޅިގެން ދަނީ މަސައްކަތް ކުރަމުން. އެޕްލިކޭޝަންގެ ޒަރިއްޔާއިން ޚިދުމަތް ދޭން ފެށުމުން ދިމާވާ މައްސަލަތައް މަދުވެ، އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބޭނެ މަގު ފަހިވާނެ،" ވަޒީރު ވިދާޅުވިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސީއަކަށް އެދޭ ހިސާބުން ފެށިގެން އެވްރެޖްކޮށް 8 މިނެޓުގެ ތެރޭގައި ކާރު ލިބެއެވެ. އަދި ކޮންމެ ދަތުރަކަށް އެވްރެޖްކޮށް ހޭދަވަނީ 12.2 މިނެޓެވެ.




