ޖާސްކް ޖަޒީރާ ކައިރިން ދަތުރުކުރި އެމެރިކާގެ އަސްކަރީ މަނަވަރަކަށް ދެ މިސައިލް ހަމަލާދީފައިވާކަަމަށް އީރާނުގެ ފާރްސް ނިއުސް އޭޖެންސީން ބުނެފިއެވެ.
މި ހަމަލާ ދީފައިވަނީ އީރާނުގެ ކަނޑުގެ ސިފައިން ދިން އިންޒާރުތަކަށް ބޯނުލަނބައި، ހުރުމުޒު ކަނޑުއޮޅިއަށް ވަންނަން އެ މަނަވަރު މަސައްކަތް ކުރުމާ ގުޅިގެން ކަމަށް އެ ނޫހުން ބުނެއެވެ.
އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގާތް ގުޅުމެއް އޮންނަ ފާރްސް ނިއުސް އިން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މަނަވަރު މަޑުކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް އިޖާބަ ނުދިނުމުންނެވެ.
އެ ނޫހުން މި ހަމަލާ ސިފަކޮށްފައިވަނީ، އެ ސަރަހައްދުގެ ރައްކާތެރިކަމަށްޓަކައި އީރާނުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެމެރިކާގެ މަނަވަރުން ޚިލާފުވުމުން ދިން ރައްދެއްގެ ގޮތުގައެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ މި ހަބަރު ދޮގުކުރައްވާފައެވެ. އެމެރިކާގެ ސީނިއާ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ އެއްވެސް އުޅަނދަކަށް މިސައިލް ހަމަލާއެއް އަމާޒުވެފައި ނުވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވެސް ވަނީ އެ ސަރަހައްދުގައި އޮތް އެމެރިކާގެ ކަނޑުގެ ސިފައިންގެ އެއްވެސް އުޅަނދަކަށް ހަމަލާއެއް އަމާޒުވެފައި ނުވާކަމަށް ބުނެފައެވެ.
މި ރިޕޯޓްތައް ފެންމަތިވެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ބައިނަލްއަގުވާމީ ދަތުރުފަތުރުތަކަށް މަގުފަހިކޮށްދިނުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ހުއްދަ ނެތް އަސްކަރީ އުޅަނދުތައް އެ ކަނޑުއޮޅިއަށް ވަނުން ހުއްޓުވާނެ ކަމަށް އީރާނުން އަންނަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ.
މި ހާދިސާގައި ލިބުނު ގެއްލުމެއް ނުވަތަ މީހަކަށް އަނިޔާއެއްވިކަން މިނިވަން އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ދެ ފަރާތުން ވެސް ފުށުއަރާ މައުލޫމާތުތައް ހާމަކުރަމުންދާތީ، މަސްރަހު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.




