ސަލްޓަން ޕާކު މަރާމާތުކުރުމަށްފަހު މިދިޔަ ފިތުރު އީދުގައި އާންމުންނަށް ހުޅުވާލިތާ ދެ މަސްދުވަސް ނުވަނީސް، އެތަނުގެ އިތުރު މަރާމާތުތަކެއް ކުރުމަށްޓަކައި އަނެއްކާވެސް ބަންދުކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ވީރާނާވެފައިވާ ސަލްޓަން ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތަށް އެތަން އެންމެ ފުރަތަމަ ބަންދުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ތިން މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އަމާޒު ހިފި ނަމަވެސް، މަރާމާތުތަކަށްފަހު އެތަން ރަސްމީކޮށް ހުޅުވުނީ މިއަހަރުގެ ފިތުރު އީދު ދުވަހުއެވެ.
ނަމަވެސް، ޕާކު ހުޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އެތަނުގައި ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ހުރުމުން، މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން ޕާކު ބަންދުކުރަން ނިންމާފައިވާކަން ހައުސިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި ނިންމުމަކީ ޕާކު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނުނިމި ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕާކު ސަރަހައްދު ވަގުތީގޮތުން ބަންދުވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ސަލްޓަން ޕާކު މިހާރު ފެންނަން އޮތް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.




