މާލޭ ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރަން ބޭނުންކުރާ ފްރިޖެއް ހަލާކުވެފައި ހުއްޓާ އޭގައި ހުރި ލޭ ތެލެސީމިއާ ބަލި މީހުންތަކެއްގެ ގަޔަށް އެޅި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ މާލޭ އޮރެންޖު ހިޔާ ބިލްޑިންގައި މިހާރު ހިންގާ ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރުމަށް ބޭނުންކުރާ ފްރިޖެއް ހަލާކުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ފްރިޖު ހަލާކުވުމުން އޭގައި ހުރި ލޭ ޕެކެޓުތައް އެހެން ފްރިޖަކަށް ހަަމަ އެރޭ ބަދަލުކޮށް، އާ ލޭ ހޯދުމުގެ މަސައްކަތް ކޮށްފައިވެ އެވެ. މައްސަލަ ޖެހުނީ، ޖެހިގެން އައި ދުވަހުގެ ހެނދުނު ލޭ އަޅަންދިޔަ ތިން މީހެއްގެ ގަޔަށް އެ ލޭ ޕެކެޓުތަކުން ލޭ އަޅާފައިވާތީ އެވެ. ލޭ އެޅިފަހުން އެ މައުލޫމާތު ދީފައިވާތީ އާއި އޭގެތެރެއިން އެކަކަށް އެކަން އެންގުމުގައި ލަސްވި ކަމުގެ ކަންބޮޑުވުންތަކެއް ވެސް ދަނީ ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ ޑިރެކްޓާ ޖެނެރަލް އަހުމީމް ފާރިޝް ވިދާޅުވީ، ތިން މީހެއްގެ ގަޔަށް އެ ފްރިޖުގައި ހުރި ލޭ އެޅުނީ އެވަގުތު ބެއްލެވި ޑޮކްޓަރާއި ބައެއް ނަރުހުންނަށް އެ ފްރިޖުގައި މައްސަލައެއް ޖެހިފައިވާކަން އެނގިފައިނުވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ، އެކަމަށް މައާފަށް އެދި އެ އާއިލާތަކާ ވަކިން ބައްދަލުކޮށް އެކަމުގެ ތަފްސީލުތަައް ދޭނެ ކަމަށެވެ. އަދި، އެކަންކަން ތަކުރާރު ނުވާނޭގޮތް ހެދުމުގެ ގޮތުން އާ ފްރީޒަރުތަކެއް ގެނައުމަށް އިސްކަމެއް ދޭނެ ކަމަށާއި އެފަދަ ކަމެއް ހިނގައިފިނަމަ ވަގުތުން ޑޯނަރު އަދި އާއިލާއަށް އެކަމެެއް ހިނގިކަން އަންގާނޭކަން ކަށަވަރު ކުރާނެ ކަމަށް ވެސް ފާރިޝް ވިދާޅުވި އެވެ.




