އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ނޭވީން ބުދަ ދުވަހު ބުނި ގޮތުގައި، "ނިޒާމު ގެއްލުވާލައި ސަލާމަތަށް ނުރައްކާވާ ގޮތައް" ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިން ދެ އުޅަނދެއް ވަނީ ހިފަހައްޓާފައެވެ.
މި ދެ އުޅަނދަކީ އެމް.އެސް.ސީ ފްރެންޗެސްކާ (އީރާނުގެ މަސްދަރުތަކުން ބުނާގޮތުގައި އިޒްރޭލާ ގުޅުން އޮންނަ އުޅަނދެއް) އަދި އެޕަމިނޯޑްސް އެވެ.
އައި.އާރު.ޖީ.ސީ އިން ބުނާ ގޮތުގައި މި ދެ އުޅަނދުން ވެސް ވަނީ އެ ތަކެތީގެ ނެވިގޭޝަން އަދި ޓްރެކިން ސިސްޓަމްތަކަށް ބަދަލުތަކެއް ގެނެސް، އެ މުހިންމު ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ އެހެން އުޅަނދުތަކަށް ނުރައްކާވާނެ ފަދަ ގޮތަކަށް އަމަލުކޮށްފައެވެ.
މި އުޅަނދުތައް ހިފެހެއްޓުމަށްފަހު މިހާރު ވަނީ އީރާނުގެ އައްސޭރިފަށަށް ގެންގޮސްފައެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މުއްދަތެއް ނެތް ގޮތަށް އިތުރުކުރިކަން ރައީސް ޓްރަމްޕް އިއުލާންކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އަދި މިއީ އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އިރާން ހިސޯރުކޮށްފައި އޮތުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ހިނގި ކަމެކެވެ.
މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ގަލްފް ސަރަޙައްދުގައި އެއް ގައުމުން އަނެއް ގައުމަށް ރައްދު ދިނުމުގެ ގޮތުން ހިންގާ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެން ދިޔަ ކަމެކެވެ.




