ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށް، އާސެނަލް އާއި ބަޔާން މިއުނިކް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވި ނަމަވެސް، ފުރަތަމަ ލެގުގައި ކައި ހާވާޓްޒް ޖެހި ލަނޑާއެކު 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލް ވަނީ ކުރި ހޯދާފަ އެވެ. މިއީ ޖެހިޖެހިގެން އެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. ސެމީ ފައިނަލުގައި އާސެނަލް ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑާ އެވެ.
"ޖެހިޖެހިގެން ދެ ފަހަރު ސެމީއަށް ދިއުމަކީ މި ޓީމަށް ލިބުނު ބޮޑު ކާމިޔާބީއެއް. އަހަރެމެން ބޭނުންވަނީ މިދިޔަ އަހަރަށްވުރެ އެއް ފިޔަވަޅު ކުރިއަށް ގޮސް ފައިނަލުގައި ކުޅެން،" އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ބުންޏެވެ.
މިއުނިކްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ބަޔާން މިއުނިކުން ވަނީ 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ބަޔާން ކުރި ހޯދީ 6-4 އިންނެވެ. ބަޔާންގެ ލަނޑުތައް ޖަހައިދިނީ ލުއިސް ޑިއާޒް، މައިކަލް އޮލީސޭ، އެލެގްޒެންޑާ ޕެވްލޮވިޗް އަދި ހެރީ ކޭން އެވެ.
ރެއާލްގެ އަރްދާ ގުލާ ދެ ލަނޑު ޖަހާފައިވަނިކޮށް، މެޗުގެ ފަހުކޮޅު އެ ޓީމުގެ އެޑުއާޑޯ ކަމަވިންގާ އަށް ރަތް ކާޑު ދެއްކުމުން ރެއާލްގެ ކުޅުންތެރިންނާއި ކޯޗު އަލްވާރޯ އަރުބެލޯ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"އެ ރަތް ކާޑާއެކު ހުރިހާ ކަމެއް ނިމުނީ. އެފަދަ ކަމަކަށް ރަތް ކާޑު ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" މެޗަށްފަހު އަރުބެލޯ ބުންޏެވެ.
މި ނަތީޖާއާއެކު، 15 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑަށް މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބި ނިންމާލަން ޖެހުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އަނެއްކޮޅުން ބަޔާން މިއުނިކް ސެމީ ފައިނަލުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ރޭ ދެއްކި ރީނދޫ ކާޑާއެކު، ސަސްޕެންޝަނުގެ ސަބަބުން ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އޭނާއަށް ބެންޗަކުން ފުރުސަތެއް ނުލިބޭނެ އެވެ.





