އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރެއް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ކަމަށާއި، އެ އުޅަނދުތަކަކީ ކަނޑުގައި ހުރި މައިންތައް ނައްތާލުމަށް ދިޔަ އުޅަނދުތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް އީރާނުން ބުނަނީ އެފަދަ ކަމެއް ނުހިނގާ ކަމަށާއި، އެ މަނަވަރުތައް އަނބުރާ ފޮނުވާލީ ކަމަށާއި، އެ އުޅަނދުތަކަށް ކަނޑުއޮޅި ހުރަސްނުކުރެވޭ ކަމަށެވެ.
މީގެ ތެރެއިން އެއްވެސް ފަރާތެއްގެ ބަހެއް ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ.
އުޅަނދުތައް ޓްރެކްކުރާ ވެބްސައިޓްތަކުގެ ތަފާސްހިސާބުތައް ބަލާއިރު، އާދީއްތަ ދުވަހު، މޯލްޓާގެ ދިދަ ޖަހާފައިވާ އުޅަނދަކާއި ޕާކިސްތާނުގެ ދިދަ ޖަހާފައިވާ އުޅަނދެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރުމަށްފަހު ވަނީ އަނބުރާލާފައެވެ.
އެއީ އިރާގަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދަތުރުކުރި ހުސް ތެޔޮ ޓޭންކަރުތަކެކެވެ. އެ އުޅަނދުތައް ކުރިއަށް ނުދިއުމަށް ނިންމި ސަބަބެއް ސާފުވެފައެއް ނުވެއެވެ.
އެ ސަރަހައްދުން ފެންނަމުންދަނީ، އުޅަނދުފަހަރަށް ދަތުރުކުރެވޭނެ އިތުރު ގޮތެއް ހޯދުމަށް ނުވަތަ އެއްބަސްވުމަކަށް އައުމަށް އެމެރިކާ ނުވަތަ އީރާނުން ގޮތެއް ނިންމަންދެން ޖީ.ސީ.ސީގެ ގައުމުތަކުން މަޑުނުކުރާ ތަނެވެ.
ޑޮނަލްޑް ޓްރަމްޕްގެ ބްލޮކޭޑް (ދަތިކުރުމުގެ ފިޔަވަޅުތައް) އަމަލީގޮތުން ފެށުމަށް ބާކީ އޮތީ 8 ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅެކެވެ.
ގައުމުތަކުން މިހާރު ވަނީ އަމިއްލަ ރޭވުންތައް ރާވަން ފަށާފައެވެ. ސައުދީ އަރަބިއްޔާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ އީސްޓް-ވެސްޓް ޕައިޕްލައިންގެ ފުރިހަމަ ގާބިލުކަމާއެކު—ދުވާލަކު ގާތްގަނޑަކަށް 7 މިލިއަން ފީފާ ތެޔޮ ސަޕްލައި ކުރަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ގައުމުގެ އިރުމަތީ އައްސޭރީގައި ހުންނަ، ދުވާލަކު 300,000 ފީފާ ތެޔޮ އުފައްދާ މަނިފާ ތެޔޮ މަރުކަޒުގެ މަސައްކަތްވެސް ވަނީ އަލުން ފަށާފައެވެ.
މުޅި ސަރަހައްދަށް ބަލާއިރު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު އުޅަނދުފަހަރާއި ހަކަތަ އުފުލާ އުޅަނދުތައް ފެންނަނީ ވަރަށް މަދުންނެވެ. އޭގެ ބަދަލުގައި ފެންނަނީ، ކަނޑުއޮޅި އަލުން ހުޅުވޭނެ ގޮތެއް ނުވެ، އަދި އެމެރިކާ އާއި އިރާނާއި ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތަކަށް ބަލައި، ގައުމުތަކުން ދިގު މުއްދަތުގެ ރޭވުންތައް ރާވަމުންދާ ތަނެވެ.




