ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސް، ބާޒާރަށް ނެރެން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފި އެވެ.
އެސްޓީއޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ޝިޕްމަންޓް ލިބުމާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް އާންމުކޮށް ބޭނުންކުރާ 10 ކިލޯގެ ގޭސް ފުޅި މިހާރު ދަތިކަމެއް ނެތި ލިބޭނެ ކަމަށެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި ގޭހުގެ ޑިމާންޑް އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވަނީ ކޮންޓްރޯލްކޮށްގެން ގޭސް ވިއްކާފަ އެވެ. އެގޮތުން 10 ކިލޯގެ ފުޅީގެ ބަދަލުގައި، ޑިސްކައުންޓް އަގުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ފުޅި އެވެ. ނަމަވެސް އައު ސްޓޮކް ލިބުމާއެކު، ހިދުމަތް އަލުން އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް އެސްޓީއޯއިން ކަށަވަރުކޮށްދެ އެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އިސްކަމެވެ.
"އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ދަނީ ހަމަޖައްސަމުން. ހާއްސަ އިސްކަމެއް ދީގެން މިކަންކަން ވަރަށް ގާތުން ބަލަމުން މިގެންދަނީ،" އެސްޓީއޯއިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގަށް އަންނަ ބަދަލުތަކާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަޕްލައި ޗެއިނަށް ދިމާވާ ގޮންޖެހުންތަކާއެކު ވެސް، ރާއްޖެއަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމް ސަރުކާރުން ދަނީ ރާވަމުންނެވެ.
މިހާރު މާލޭ ސަރަހައްދުގައި އެސްޓީއޯއިން ބޭނުންކުރަނީ 1,000 ޓަނުގެ ސްޓޯރޭޖެކެވެ. މީގެ އިތުރުން ވިލާ ގޭހުގެ ސްޓޯރޭޖާއެކު މިހާރު އޮތް ޑިމާންޑް މެނޭޖްކުރެވުނު ނަމަވެސް، ކުރިމަގަށް ވިސްނައި އިތުރު 1,500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.




