ދުނިޔޭގެ އުފާވެރިކަމުގެ ދުވަހާ ގުޅުވައިގެން ނެރުނު "ވޯލްޑް ހެޕިނަސް ރިޕޯޓް 2026" އިން ދައްކާ ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވުމަކީ ޒުވާނުންގެ އުފާވެރިކަން ކުޑަވާން ދިމާވާ މައިގަނޑު އެއް ސަބަބެވެ. ހާއްސަކޮށް ދުވާލަކު ފަސް ގަޑިއިރަށްވުރެ ގިނައިން ސޯޝަލް މީޑިއާގައި ހޭދަކުރާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވަމުންދާކަން މި ރިޕޯޓުން ވަނީ ހާމަވެފައެވެ.
ފާއިތުވި 20 އަހަރަށް ބަލާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ޒުވާނުންގެ އުފާވެރިކަން މަތިވި ނަމަވެސް، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑް ފަދަ ގައުމުތަކުގައި މި އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. ގެލަޕް އާއި އދ. ގުޅިގެން ތައްޔާރުކުރި މި ރިޕޯޓުގައި ބުނާގޮތުން، ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް މި ނޭދެވޭ ބަދަލު ފެންނަން އެބަހުއްޓެވެ.
ހާވަޑް ލޯ ސްކޫލްގެ ޕްރޮފެސަރ ކޭސް ސަންސްޓީން ކުރެއްވި ދިރާސާއަކުން އެނގޭ ގޮތުގައި، ގިނަ ޒުވާނުން ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރަނީ އެޕްލިކޭޝަންތަކުން ލިބޭ އުފަލަކަށްވުރެ ބޮޑަށް، އެހެން ކުދިން ވެސް އެ ބޭނުންކުރާތީއެވެ. "އެކަނިވެދާނެ ކަމުގެ ބިރު" ނުވަތަ ގެ ސަބަބުން މި އެޕްތަކާ ދުރުވުމަށް ޒުވާނުންނަށް ވަނީ އުނދަގޫވެފައެވެ.
ދިރާސާގައި ބައިވެރިވި ކުދިން ބުނި ގޮތުގައި، ސޯޝަލް މީޑިއާއާ ދުރުގައި ހުންނަ މަސްތަކުގައި އެކުދިން މާ ބޮޑަށް އުފާވެ، ހާސްކަން ކުޑަވެއެވެ. ނަމަވެސް، އެހެން އެންމެން ބޭނުންކުރާތީ އެކަނި ބޭީ ބާކީވެދާނެތީ އެކަމަށް އެނބުރި ދެވެނީއެވެ.
މި ރިޕޯޓުން ފާހަގަވި އަނެއް ކަމަކީ، ސޯޝަލް މީޑިއާގެ ސަބަބުން ފިރިހެން ކުދިންނަށްވުރެ ބޮޑަށް އަންހެން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެވެ.
-
އިތުބާރު ކުޑަވުން: އެހެން މީހުން ދައްކާ ފުރިހަމަ ދިރިއުޅުމާ އަމިއްލަ ދިރިއުޅުން އަޅާކިޔުމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެއެވެ.
-
ގޯނާކުރުން: ސައިބަރ ބުލީންގް އާއި އެހެނިހެން ނުރައްކާތަކަށް އަންހެން ކުދިން ހުށަހެޅޭ މިންވަރު އިތުރެވެ.
-
އެންމެ އުފާވެރި ކުދިން: ދިރާސާއިން ދެއްކި ގޮތުގައި އެންމެ އުފާވެރިކޮށް ތިބީ ސޯޝަލް މީޑިއާ އެއްގޮތަކަށް ވެސް ބޭނުންނުކުރާ އަންހެން ކުދިންނެވެ.
ހައްލަކީ ކޮބައި؟
ކޮންމެހެން ސޯޝަލް މީޑިއާ މުޅިން ހުއްޓާލުމުގެ ބަދަލުގައި، ދިރާސާވެރިން ލަފާދެނީ އެ ބޭނުންކުރާ "ގޮތަށް" ބަދަލު ގެނައުމަށެވެ.
-
ވަގުތު ކޮންޓްރޯލްކުރުން: ދުވާލަކު 5 ގަޑިއިރަށްވުރެ ގިނަވަގުތު ހޭދަނުކުރުން.
-
ފެންނަ ކޮންޓެންޓަށް ސަމާލުވުން: އަމިއްލަ ނަފްސާ މެދު ދެރަވާ ކަހަލަ "ޕާފެކްޓް" ލައިފްސްޓައިލް ދައްކާ އިންފްލުއެންސަރުން ފޮލޯ ނުކުރުން.
-
އާއިލީ ގުޅުން ބަދަހިކުރުން: މެދުތެރޭ ޔޫރަޕްގެ ގައުމުތަކުގައި ސޯޝަލް މީޑިއާ ގިނައިން ބޭނުންކުރިޔަސް ކުދިން އުފާވެރީ އާއިލީ ގުޅުން ވަރުގަދަވުމުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.




