ފިޓްނަސް އޭ ބުނުމުން ގިނަ ބައެއްގެ ހިޔާލަށް އަންނަނީ ޖިމްތަކުގައި ގަދަޔަށް ދާހިއްލާ، ބަރު އުފުލައި ނުވަތަ އެތައް ގަޑިއިރަކު ދުވާ މަންޒަރެވެ. ނަމަވެސް އާ ދިރާސާތަކުން ދައްކާގޮތުގައި، މާ ބޮޑަށް ހަށިގަނޑު ހަރަކާތްނުކޮށް، ވަކި ގޮތަކަށް ހަށިގަނޑު ހިފަހައްޓާލައިގެން ތިބޭ "އައިސޯމެޓްރިކް" ކަސްރަތުން ހައިރާންކުރުވަނިވި ނަތީޖާ އެބަ ލިބެއެވެ.
ހަފުތާއަކު އެންމެ ތިން ދުވަހު، ދުވާލަކު 14 މިނެޓު ހޭދަކޮށްލައިގެން ލޭގެ ޕްރެޝަރު ދަށްކޮށް، ހިތުގެ ދުޅަހެޔޮކަން އިތުރުކުރެވިދާނެއެވެ.
14 މިނެޓުގެ ސިހުރު
ސައިންސްވެރިން 1990 އިން 2023 އަށް ހަދާފައިވާ 16,000 އެއްހާ މީހުންގެ ދިރާސާތައް އެއްކޮށްލައިގެން ހެދި "މެޓަ-އެނަލިސިސް" އަކުން ދެއްކި ގޮތުގައި، އައިސޯމެޓްރިކް ކަސްރަތަކީ ދުވުމާއި، ބަރު އުފުލުމާއި، އަދި ހައި-އިންޓެންސިޓީ ކަސްރަތުތަކަށް ވުރެ ވެސް ލޭގެ ޕްރެޝަރު ދަށްކުރުމަށް މާ ފައިދާހުރި ގޮތެކެވެ.
މި ކަސްރަތު ކުރާނެ ގޮތަކީ ދެ މިނެޓު ވަންދެން ވަކި "ޕޯޒް" އެއްގައި ހަށިގަނޑު ހިފަހައްޓާލުމެވެ. މިސާލަކަށް ފާރުގައި ބުރަކަށި ޖައްސައިގެން ގޮނޑިއެއްގައި އިށީނދެގެން އިންނަ ކަހަލަ ގޮތަކަށް ތިރިވެލައިގެން ހުރުމެވެ. މިގޮތަށް ހަތަރު ފަހަރު، ކޮންމެ ފަހަރަކު ދެ މިނެޓު ވަންދެން މަޑުކޮށްލުމަކީ ލޭގެ ޕްރެޝަރު ބޭސް ބޭނުންކޮށްގެން ދަށްވާ މިންވަރާ ގާތްކުރާ އަދަދަކަށް ދަށްކޮށްދޭ ކަމެކެވެ.
މިކަން ވަނީ ކިހިނެއް؟
އައިސޯމެޓްރިކް ކަސްރަތެއް ކުރާއިރު، މަސްތައް ބާރުކޮށްލައިގެން އެއްގޮތަކަށް ހުރުމުން ލޭހިނގާ ހޮޅިތަކަށް ފިތި، ވަގުތީ ގޮތުން އެ ސަރަހައްދަށް އޮކްސިޖަން ލިބޭ މިންވަރު މަދުވެއެވެ. ނަމަވެސް ކަސްރަތު ހުއްޓާލާ ވަގުތު، ލޭހިނގާ ހޮޅިތައް ފުޅާވެ، ބާރުމިނުގައި ލޭ ދައުރުވާން ފަށައެވެ. މި ސައިކަލް ތަކުރާރުވުމުން، ދިގު މުއްދަތުގައި ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ މަސައްކަތް ރަނގަޅުވެއެވެ.
އެންމެންނަށް ވެސް ކުރެވިދާނެ
ޔޫކޭގެ ކެންޓް ޔުނިވަރސިޓީގެ ރިސާޗް ފެލޯ، މެލަނީ ރީސް-ރޮބަޓްސް ވިދާޅުވާ ގޮތުގައި މިއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. "ގޭގައި ހުރެގެން ވެސް ކުރެވިދާނެ، އެއްވެސް ސާމާނެއް ބޭނުމެއް ނުވޭ، އަދި މާ ގަދަޔަށް ދަލެއް ވެސް ނުހިއްލާނެ،" އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ހުޅުހުޅުގައި ރިއްސާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް މިއީ ދުވުން ފަދަ ކަސްރަތުތަކަށް ވުރެ ރައްކާތެރި ގޮތެކެވެ.
ނިންމާލަމުން ސައިންސްވެރިން ބުނަނީ، މިއީ އެހެން ކަސްރަތުތައް މުޅިން ހުއްޓާލަންވީ ސަބަބެއް ނޫން ކަމަށެވެ. ނަމަވެސް، ވަގުތު ނެތް މީހުންނާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަން ބޭނުންވާ މީހުންނަށް އައިސޯމެޓްރިކް ކަސްރަތަކީ ހަށިގަނޑަށް ލިބޭނެ އެންމެ ބޮޑު ހަދިޔާއެވެ.




