އާއިލާއެއް ބެލެހެއްޓުމަކީ ހަމައެކަނި ކެއްކުމާއި ކުނިކެހުން ފަދަ އަމަލީ މަސައްކަތްތަކެއް ނޫނެވެ. އޭގެ ފަހަތުގައި ފެންނަން ނެތް، ނަމަވެސް ނަފްސާނީ ގޮތުން އިންތިހާއަށް ވަރުބަލިކޮށްލާ "މެންޓަލް ލޯޑް" އެއް އޮވެއެވެ. ސޯޝިއޮލޮޖިސްޓް ލީއާ ރަޕަނާ ހާމަކުރައްވާ ގޮތުގައި، ގިނަ އަންހެނުން މިއަދު ތިބީ މި ބުރައިގެ ސަބަބުން ހަކަތަ ހުސްވެ، "ބާންއައުޓް" ވުމުގެ މަގުމަތީގައެވެ.
ޕްރޮފެސަރު ރަޕަނާގެ ދިރާސާއިން ދައްކާ ގޮތުގައި، އަންހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ އަށް ބާވަތެއްގެ "ފޭދޭ މަސައްކަތް" ފާހަގަކުރެވެއެވެ.
އަންހެނުން ވަރުބަލިކޮށްލާ 8 ބާވަތުގެ ނަފްސާނީ ބުރަ:
- ދިރިއުޅުން ތަރުތީބުކުރުން: ގޭތެރޭގެ ހުރިހާ ކަމެއް އޮމާންކޮށް ހިނގާކަން ކަށަވަރުކުރުމަށް ކުރާ ރޭވުންތައް.
- އިހުސާސީ އެހީތެރިކަން: އާއިލާގެ މެންބަރުންނާއި ރައްޓެހިންގެ ހާލުބަލައި، ނަފްސާނީ ގޮތުން އެމީހުންނަށް ހިތްވަރު ދިނުން.
- ގުޅުންތައް ދެމެހެއްޓުން: އާއިލާގެ ތެރޭގައި ލޯތްބާއި ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތް.
- އުފާވެރި ހާއްސަ ވަގުތުތައް އުފަންކުރުން: އީދު ނުވަތަ އުފަންދުވަސް ފަދަ މުނާސަބަތުތަކަކީ އާއިލާއަށް އުފާވެރި، ހަނދާން ނުނެތޭ ފަދަ ވަގުތުތަކަކަށް ހެދުމަށް އުފުލާ ތަކްލީފު.
- ހުވަފެން ބިނާކުރުން: ފިރިމީހާ ނުވަތަ ކުދިންގެ ކުރިއެރުމަށާއި އެމީހުންގެ ޝައުގުވެރިކަން ހުރި ދާއިރާތަކުން ފުރުސަތު ހޯދައިދިނުމަށް ކުރާ ވިސްނުން.
- އަމިއްލަ ނަފްސު ބެލެހެއްޓުން: ސިއްހަތަށް ބެލުމުގެ އިތުރުން، މުޖުތަމައު ގަބޫލުކުރާ ފަދަ ސިފައެއްގައި ހުރުމަށް ކުރާ މަސައްކަތް.
- ރައްކާތެރިކަން: އާއިލާގެ މީހުންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް އަބަދު ސަމާލުވެ، އެކަމާ މެދު ފިކުރުކުރުން.
- ދިރިއުޅުމުގެ ފަލްސަފާ: ތިމާގެ ދިރިއުޅުން ބައްޓަންކުރަންވީ ގޮތާއި، މުޖުތަމައަށް އަންނަންޖެހޭ ބަދަލުތަކާ މެދު ކުރާ ބޮޑެތި ވިސްނުންތައް.
ރަޕަނާ ވިދާޅުވާ ގޮތުގައި، ގިނަ އަންހެނުން ތަރުބީޔަތު ކުރެވިފައިވަނީ އަބަދުވެސް އެހެން މީހުންގެ އިހުސާސްތަކަށް އިސްކަންދީ، އަމިއްލަ ނަފްސު ލިސްޓުގެ އެންމެ ފަހަތަށްލާށެވެ. މިކަމުގެ ސަބަބުން ކުއްލި ހާލަތަކަށް އިޖާބަދޭނެ ހަކަތަ ފިޔަވައި، އަމިއްލަ އުފަލަކަށް ހުސްކުރާނެ އެއްވެސް "ނަފްސާނީ ބަޖެޓެއް" އަންހެނުންގެ އަތަކު ނޯވެއެވެ.
"އަހަރެމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި އެމީހުންނަށް އޮތް ފައިދާއެއް ނޫން ކަމާއި، އެއީ މުޅި އާއިލާއަށާއި މުޖުތަމައަށް ލިބޭނެ ކުރިއެރުމެއް ކަން،" ރަޕަނާ ފާހަގަކުރެއްވިއެވެ. އޭނާ އިލްތިމާސްކުރައްވަނީ ހުރިހާ ކަމެއްގެ ޒިންމާ އަމިއްލަ ބޮލުގައި އެޅުމުގެ ބަދަލުގައި، އާއިލާގެ އެހެން މެންބަރުންނާ މި މަސައްކަތްތައް ހިއްސާކުރުމަށެވެ.




