ރާއްޖެއަށް އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ފާއިތުވި ދެ ހަފުތާ ތެރޭގައި ދެގުނައަށްވުރެ އިތުރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ހިއްސާކުރެއްވި މައުލޫމާތުން ދައްކާގޮތުގައި މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން މި މަހުގެ 14ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓު ވަނީ ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %166 އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ އެންމެ 70 ޕްރައިވެޓް ޖެޓެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެވްރެޖުކޮށް ރާއްޖެއަށް އައިސްފައިވަނީ ދުވާލަކު 5 ޖެޓެވެ. އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިންވެސް އައިސްފައިވަނީ 9 ޖެޓެވެ. މިއަދަދުތަކަށް ބަލާއިރު މިއަހަރު ބޮޑު ފަރަގެއް އަންނަނީ ފެންނަމުންނެވެ.
ރާއްޖެއަށް އަންނަ ޖެޓުތަކުގެ މައުލޫމާތުތަކުން ދައްކާގޮތުގައި އެވްރެޖުކޮށް މި ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް ދުވާލަކު 12އަށްވުރެ ގިނަ ޖެޓު އާދެއެވެ. އެގޮތުން، އެއް ދުވަހެއްގެ ތެރޭގައި 18 ޖެޓުވެސް ރާއްޖެއަށް ވަނީ އައިސްފައެވެ. އެއީ މި މަހުގެ 3ވަނަ ދުވަހުއެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓްވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ރާއްޖެއަށް ގިނަ އަދަދެއްގެ އެއާލައިންތަކުން ދަތުރުކުރެއެވެ. ނަމަވެސް ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓުތައް ކެންސަލް ކުރުމުން ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ފަތުރުވެރިން ޕްރައިވެޓް ޖެޓުތަކުގައި އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.




