ރޭ މާފަންނު ރިމްލާސްގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެގޭގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ބުނީ، މިހާދިސާއާއި ގުޅިގެން މީހުން ދިރި ނޫޅެވޭ ވަރަށް އެ ގެ އަނދާފައިވާތީ އެގޭގެ ވެރިފަރާތުގެ އާއިލާގެ 7 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، 18 އަހަރުން ދަށުގެ 3 ކުޑަކުދިންނާއި، އަންހެނަކާއި 3 ފިރިހެނުން ކަމަށެވެ. އަދި މި އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވަނީ 5 ދުވަހުގެ މުއްދަތަކަށް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
ރޭ މެންދަމު 03:06 ހާއިރު އެމްއެންޑީއެފްއަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ސިފައިން ކުރި މަސައްކަތުން ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 04:12 ހާއިރެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.




