އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަަކަށް ގެނައި އެމްބިއުލާންސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން އެ ރަށްތަކަށް ފޮނުވައިފިއެވެ.
ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް ދެނެގަތުމުގެ ތެރެއިން ފެއްޓެވި މަސައްކަތެވެ.
އެމްޕީއެލްއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރު ކޮންޓުރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިންނެވެ. މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ 56 އެމްބިއުލާންސް މާލެ ގެނެސް އެރަށްތަކާއި ތަޅުދަނޑު ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތުގެ ދަށުން މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް އެމްޕީއެލްއިން ކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ދަށުން އެމްޕީއެލްއިން ރާއްޖެ ގެނައި 56 އެމްބިއުލާންސްގެ ތެރެއިން އެއް އެމްބިއުލާންސް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއެވެ. ބާކީ އެމްބިއުލާންސްތައް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް ފޮނުވާފައިވާ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އަދި މަސައްކަތް އެއްކޮށް ފެބްރުއަރީ 14 ވަނަ ދުވަހަށް ނިންމާލާފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.




