މިދިޔަ އަހަރު އެމްއެމްއޭއިން މާރުކުރި އަދަދު 492 މިލިޔަން ޑޮލަރަށް އަރައި، ތާރީޚީ ރެކޯޑެއް ޤާއިމުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ މާލީ ހާލަތު މިހާރު ރަނގަޅުވަމުންދާ ކަމަށެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިދިޔަ އަހަރު އެކަނިވެސް 492 މިލިޔަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، މިހާރު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ދަރަނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑުން 2018 ވަނަ އަހަރު ނަގާފައިވާ 100 މިލިޔަން ޑޮލަރުގެ ބޮންޑު މި ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ނަތިޖާއެއްްގެ ދަށުން ރޯލްއޯވަރކޮށް، އޭގެ މުއްދަތު 5 އަހަރަށް އިތުރުކުރުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
"މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާގެ ގޮތުން ރޯލްއޯވަރކޮށް މެޒޫރިޓީގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށާއި، އަދި މިކަމާ ގުޅޭ އެގްރީމެންޓުގައި ސޮއިކުރުމުގެ ޓާރމްސްތަކަށް ވަނީ އެއްބަސްވެފައި. އަދި މިއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ އިތުރުން ނޮން ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިޔަން ޑޮލަރު މިހާރު ކަށަވަރުވެފައިވާއިރު މި އާމްދަނީ ކުރިއަށްއޮތް 45 ދުވަހުގެ ތެރޭގައި ޖަމާވާނެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


