ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުވައްމުލައް ސިޓީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިމަހުގެ 24 ވަނަ ދުވަހު، އޮޕަރޭޝަން އަލިމަގުގެ ތެރެއިން ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 112.9 ގުރާމެވެ. އަދި 25000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޏ. ފުވައްމުލައް / މިސްކިތްމަގު. ރޯޝަން، ޢަބްދުﷲ ޝިފާޢު (26އ) 15 ދުވަހަށް ބަންދުުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


