ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ އަންނަ އެޕްރީލްމަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރުމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަމަހުގެ 1ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އަދި ފުރުސަތު ބަންދުވާނީ ފެބުރުވަރީ 1 ވަނަ ދުވަހު މެންދުރުފަހު 15:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ފޯމް ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.
އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބަށް ކެނޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.
އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީވެސް މައި ޕޯޓަލް މެދުވެރިކޮށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


