ރައީސް ޑރ. މުހައްމަދު މުއިއްޒު ސިލްސިލާގޮތެއްގައި ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުން، ހެންވޭރުގެ ރައްޔިތުންނާއެކު މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން މިބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30 ހުގައި ކަލާފާނު ސްކޫލްގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މިބައްދަލުވުމަށް ހެންވޭރުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.
ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ރައީސް އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
މާފަންނުގެ ރައްޔިތުންނާ އެކު ރައީސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަން އާންމުންގެ ފަރާތުން ހުށަހަޅާފައިވާއިރު އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އިން ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރައްވާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




