ގެދޮރުވެރިޔާގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޗަން، އެފްޑީސީން ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަތީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، މަތީން ވިދާޅުވީ، ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މިއީ އެޓަވަރުތަކަށް މީހުން ބަދަލުވާއިރު، އެތަނުގައި ދަތިކަމެއް ނެތި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި ޓަވަރުތަކަށް ކަނެކްޝަންތައް ގުޅުމުގެ މަސައްކަތްތައްވެސް، އެޗްޑީސީ އާއި އެފްޑީސީ ގުޅިގެން ބާރަށް ކުރިއަށްދާކަމަށާއި އެގޮތުން ޓަވަރުތަކާ ވަކިވަކި އެޕާޓްމަންޓްތަކަށް ޚިދުމަތް ގުޅުމާއި، ކަނެކްޝަންތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންދާއިރު، ޔުނިޓްތައް ލިބުނު މީހުންނަށް، ޚިދުމަތްތަކަށް ރަޖިސްޓްރީކުރުމަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށްވެސް މަތީން ވިދާޅުވިއެވެ.
4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރުތަކުގައިވެސް މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިން މަސައްކަތްތަކެވެ. ފިނިޝިންގެ އެންމެ މުހިންމު އެއް މަސައްކަތަކީ ފްލެޓްތަކަށް ބޭނުންވާ، ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ޔުޓިލިޓީގެ ޚިދުމަތްތައް ގުޅާ ޓެސްޓްކުރުމުގެ މަސައްކަތްތަކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




