ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ޙާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތުދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ޙާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން، މުޖުތަމަޢުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




