ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޓީވީ ޝަހުސިއްޔަތެއް ކަމަށްވާ ނޭހާ ދޫޕިއާ ބަރުދަން ލުއިކުރުމަށް ކުރި ދަތުރުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ.
އެގޮތުން ނޭހާ ވަނީ ދެ ކުދިން ވިހެއުމަށް ފަހު 23 ކިލޯ ލުއިކުރަން ދިމާވި ގޮންޖެހުންތަކާއި، އުދަނގޫތަކުގެ ތަފްސީލުވެސް ކިޔައިދީފި އެވެ. ނޭހާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ މި ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޖިސްމާނީ ގޮތުން ގެނައި ބަދަލެއް ނޫން ކަމަށާއި މިކަމަކީ އޭނާގެ ކޮންފިޑެންސާއި ނަފްސާނީ ދުޅަހެޔޮކަމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. ނޭހާ ބުނީ މާބަނޑުވުމަށްފަހު ބަރުދަން އިތުރުވެ ގިނަ މައިންނެކޭ އެއްފަދައިން ނޭހާ އަށް ވެސް މާބަނޑު ވުމަށް ފަހު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި ބަރުދަން އިތުރުވުން ވެސް ހިމެނޭކަމަށެވެ.
އޭނާ ބުނީ ބަރުދަނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އޭނާ ދާހާ ކޮންމެ ތަނަކަށްވެސް އޭނާގެ ފަސްފަހަތުން އަންނަހެން ހީވެ، ހިތްދަތިވާ ގިނަ ވަގުތުތަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ. އެގޮތުން އެކި މީހުންގެ ވިސްނުމަށް އައި އެކި އެކި ނަސޭހަތްތަކާއި އިހްސާސްތަކަކުގެ ސަބަބުން "ގިނަ ދުވަސްތަކުގައި ހުރެވެނީ ވަރުބަލިވެ، ފޫހިވެ، ނުދަންނަ ހަށިގަނޑެއްގައި އުޅެން ޖެހޭ" ފަދަ އިހްސާސެއްގައި ބަނދެވިފައިކަމަށް ނޭހާ ސިފަކޮށްފައިވެއެވެ.
ނޭހާ ބުނީ މި ކަންތައްތަކުގެ ސަބަބުން ވަރަށް ބޮޑަށް އަމިއްލަ ނަފްސާމެދު ވިސްނަން ޖެހުނުކަމަށާއި، އެގޮތުން ހަރުކަށި ޑައިޓްތަކަށް އަވަސްވެގަތުމުގެ ބަދަލުގައި ނުވަތަ ފޫހި ކަސްރަތު ރޫޓީންތަކުގެ ބަދަލުގައި ނޭހާ އަމިއްލަ ނަފްސަށް ވަގުތު ދިނީކަމަށެވެ. އަދި މީގެ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ކުރިން ރަނގަޅު ސިއްޙަތެއް ހޯދުމަށްޓަކައި އަމިއްލަ ނަފްސު ހާއްސަކޮށްގެން ފިޓްނަސް ދަތުރު ފެށީ އަމިއްލަ ނަފްސަށް ބަލައިނެ، އަމިއްލަ ނަފްސަށް އިތުބާރުކޮށްގެންކަމަށް ނިހާ ބުނެފައިވެއެވެ.
ނޭހާ ކިޔައިދިންގޮތުގައި އޭނާ އެންމެ އިސްކަމެއްދިނީ، އޭނާގެ ޑިސިޕްލިން، ޓްރެއިނިން އަދި ޑައިޓްއަށެވެ. އެގޮތުން ނޭހާ ގެ ކުރިއެރުންތަކުގެ އަސްލަކީ އޭނާގެ ޓްރެއިނަރުން ކަމަށްވާ، ރަނިން ކޯޗް މިރަންޑާ ބްރިންސްޓަން އާއި ޔޯގާ އިންސްޓްރަކްޓަރު ރޯހިތު ދިން ސްޓްރަކްޗާޑް ކަން ނޭހާ ފާހަގަކުރިއެވެ. އެ ދެމީހުންނާއެކު މަސައްކަތް ފެށިގެން ދިއައިރު، އެއީ ވޭނާއި ވަރުބަލިކަމާއި މަސައްކަތާއި މައިވަންތަކަމާއި ގޭތެރޭގެ ދިރިއުޅުން ބެލެންސް ކުރުމުގައި އެތައް ގޮންޖެހުންތައް ކުރިމަތިވިކަމެއްކަމަށާއި ނަމަވެސް މަޑުމަޑުން ނޭހާގެ ކިބައިގައި ހަރުދަނާކަމާއި ކެތްތެރިކަން އުފެދުނުކަމަށް ނޭހާ ބުންޏެވެ.
އަދި އެ ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ކަސްރަތު ކުރުން އެކަންޏެއް ނޫންކަމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެސް ނެހާ އޭނާގެ ކެއުމުން ރިފައިންޑް ހަކުރު އަދި ގްލޫޓަން އުނިކޮށް، ކެއުމުގެ މެދުގައި 14 ގަޑިއިރުގެ މެދުކެނޑުމެއް ބަހައްޓައިގެން އިންޓަމިޓެންޓް ރޯދަ އަށް ހުރެ، ދަރިންނާއެކު ރޭގަނޑުގެ ކެއުން އަވަހަށް ކެއުމަށް އާދަކުރިކަމަށް ނޭހާ ބުނެފައިވެއެވެ. އަދި މި ރިއަލިސްޓިކް އަދި ކޮންސިސްޓެންޓް އެޕްރޯޗްގެ ސަބަބުން ދެމެހެއްޓެނިވި އާދަތައް ގާއިމުކުރުމަށް މަގުފަހިވިކަމަށްވެސް ފާހަގަކުރިއެވެ.
މީގެ އިތުރުން، މި ދަތުރަކީ އޭގައި ރިޖެކްޝަންތަކާއި ނަފްސާނީ ގޮންޖެހުންތަކާ އެކު ކުރިމަތިލި ވަރުގަދަ ދަތުރެއްކަން ފާހަގަކޮށް ނޭހާ ބުނީ، އަމިއްލަ ނަފްސަށް ޝައްކު އުފެދޭ ވަގުތުތައް އައި ކަމަށާއި، ބައެއް ފަހަރު ލާން ބޭނުންވާ ހެދުންތައް ނުލެވި އަމިއްލަ ސިފައަށް އައިސްފައި ހުރި ބަދަލުގެ ސަބަބުން މަސައްކަތަށްވެސް އޭގެ ނޭދެވޭ އަސަރު ކުރިކަމަށެވެ. އެހެނަސް ކުރިއަށް ދިޔައީކަމަށް ނޭހާ ބުނެފައިވެއެވެ.
"އަހަރެން މިހުރީ އަހަރެންގެ އެންމެ ޕޮޒިޓިވް ބެސްޓުގައެކޭ ބުނެވޭކަށް ނެތް، އެ ހިސާބަށް އަދި ދާން ވަރަށް ދުރު ރާސްތާއެއް އެބައޮތް، އެކަމަކު އަހަރެން މިދަނީ އަހަރެންނަށް ކުރެވުނު އެންމެ ބޮޑަކަށް މަސައްކަތްކުރަމުން. އެކަމުގެ ޔަޤީންކަން އެބައޮތް. މިހާރު ހިތްހަމަޖެހޭ، ސިއްހީގޮތުން ރަނގަޅުކަން ޤަބޫލުކުރެވޭ، ކުރިއަށްވުރެ އަމިއްލަ ނަފްސަށް އޮތް އިތުބާރު އިތުރުވެއްޖެ" ނޭހާ ބުނެފައިވެއެވެ.
ނޭހާ ބުނީ މި މަސައްކަތުގައި އެއްވެސް ޝޯޓްކަޓްސްއެއް ނެތްކަމަށެވެ. ހަމައެކަނި އޮތީ "ކޮންސިސްޓެންސީ" ކަމަށެވެ.
"މިއީ ރޮކެޓް ސައިންސްއެއް ނޫން، އަބަދުވެސް ކޮންސިސްޓަންޓް ކޮށް ހުންނަންޖެހޭނެ، ގަދައަޅައި މަސައްކަތްކުރަންޖެހޭނެ އަދި އަމިއްލަ ހަށިގަނޑަށްޓަކައި ތެދުވާންޖެހޭނެ، އަމުދުން ތެދުވާން ބޭނުންނުވާ ދުވަސްތަކުގައި ހިތްވަރާއެކު ތެދުވާންޖެހޭނެ" ނޭހާ އޭނާގެ ފޭނުންނަށް ބުނެދީފައިވެއެވެ.
ނޭހާގެ ޕޯސްޓު ނިންމާލަމުން ވަނީ އޭނާ ފަދަ އެހެން މައިންނަށް މެސެޖެއް ފޯރުކޮށްދީފައެވެ.
އެ މެސެޖުގައި ވަނީ އަމިއްލަ ނަފްސަށް ލޯބިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. ވިހެއުމާއި ގުޅިގެން އަންހެނުންގެ ހަށިގަނޑަށް އެ އަންނަ ބަދަލުތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށް ނޭހާ ބުނީ "މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އަހަންނަށް ދިމާވި ކަންކަން ތަޖުރިބާކޮށް އެ އުދަނގޫ އިހުސާސް ކުރެވޭ ނަމަ، ތެދުވެ، ބޭރަށް ނުކުމެ، ކަސްރަތުކޮށް، އަމިއްލަ ނަފްސަށް ލޯބިކުރާށެވެ. އެހެނީ ތިއީ އެންމެ ނަފްސެކެވެ. ތި ނަފްސަށް ބަލަންޖެހޭނީ އަމިއްލައަށެވެ"
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް