މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން، މި ޖުލައި މަހުގެ 5 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި ގ. ސެމިޓޯން، މާލެ، ޙަމްޒާ ޝަރީފް (44އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމު ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އިބްރާހީމް ޝަރީފްއާއި ޙަމްޒާ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް