އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް ބާއްވައިފިއެވެ.
މި މުބާރާތަކީ ފުވައްމުލައް ސިޓީގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ފަންނު އާލާ ކުރުމުގެ މަތިވެރި މަޤްޞަދުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި ޖޫން މަހުގެ 23 އިން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ޤުރުއާން ކުލާސްތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި، މި އަހަރު 7 ސްކޫލް، 3 ޤުރުއާން ކްލާސް އަދި 3 ޖަމިއްޔާއަކުން ޖުމްލަ 233 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ހާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ގޮތްޕެއް ވަނީ ހިމަނައިފައެވެ. މި ގޮފީގައި 28 ދަރިވަރުން ވާދަކޮށްފައިވެއެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޖޫނިއަރ ގްރޫޕްގައި ހިމެނެނީ ފައުންޑޭޝަން ސްޓޭޖް އާއި ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނެވެ. ސީނިއަރ ގްރޫޕްގައި ހިމެނެނީ ސާނަވީ (ކީ ސްޓޭޖް 3 އަދި 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ވަކިން ދެ ގްރޫޕެއްގެ ގޮތުގައެވެ.
މިއަހަރުގެ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީ އާއި އަލްޤާރީ މުޙައްމަދު ވަޙީދާއި އަލްޤާރީ އަޒްލީނާ އިބްރާހިމްއެވެ. މުބާރާތުގެ އިސްފަނޑިޔާރުގެ ގޮތުގައި ފަނޑިޔާރުކަން ކުރެއްވީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީއެވެ.
މި މުބާރަތަކީ ދީނީ ކަންކަމަށް އެހީވާ ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް