ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްހީ ޚިދުމަތް ލިބޭނެގޮތް ކަށަވަރުވެގެންދާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު ނުވަތަ "ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އިފްތިތާޙްކުރުމަށް އިއްޔެ މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މިހެން ވިދާޅުވީ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޙިދުމަތް ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމަކީ ފަޚުރުވެރިކަމާއެކު ގަބޫލުކުރާ ޒިންމާއެއް ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، ސިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ވެސް މި ޕޮލިސީ އާއެކު ކުޑަކުރަވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ ސިއްޙީ ފަރުވާ ކަށަވަރުކުރެވުމުން މުޅި ޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށާއި ވަޒީފާދޭ ފަރާތަކާއި، މިނިސްޓްރީތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މިކަމުގައި އެހީތެރިވެ ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހަތު ރައްކާތެރިކުރުމާއި އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ސިއްޙަތު ހަރުދަނާކުރުމެވެ. އަދި މިއީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް އެކުލަވާލެވުނު މުހިއްމު ސިޔާސަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް