ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ އޮފިސަރު ޢަލީ ޙާމިދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
މިކަމުގެ ހިތާމަފާޅުކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއްކަމަށާއި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައިވާކަމަށެވެ.
"ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުންއެދި ދުޢާ ކުރަމެވެ." ރައީސް ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އަޅުގަނޑަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެކެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ… pic.twitter.com/eU0Eyxv0Aa— Dr Mohamed Muizzu (@MMuizzu) June 25, 2025
މާލެއިން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލީ ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓެއްކަމަށާއި އެ އުޅަނދުން ހަ މީހަކު ދަތުރުކުރިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ތިން ސިފައިންނާ އަދި ތިން ބިދޭސީންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް