ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ރާއްޖޭގެ މުޖްތަމަޢު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްޢިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައެޅިފައިވާ އިނާމެއް ކަމަށެވެ.
އަދި މި އިނާމުގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށާއި، މި އިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖްތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްޢިއްޔާ ތަކަށް ދެވޭ އިނާމެއް ކަމަށެވެ.
މިގޮތުން މަދަނީ ޖަމްޢިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އެހެންކަމުން ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ ވުޒާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް