ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރިން ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އަނިޔާވި މީހާގެ ބުރިވި އަތް ފެނިފައިނުވާކަމަށާއި، އެކްސިޑެންޓު ހިނގި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގެ މަޢުލޫމާތު ހިއްސާކުރުމަށް މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ނ. އަތޮޅު ގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު ބައެއްގެ ތެރެއިން ބަންގްލަދޭޝް މީހާގެ ގައިގައި ލޯންޗަކުން ޖެހި ބޮޑެތި އަނިޔާވެފައިވާ މައްސަލައިގެ ތަހުގީގުގައި، އެ ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކުރެވި ބަޔާން ނަގާފައިވާކަމަށެެވެ.
އަދި އެ މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރެވިފައިވާކަމަށާއި، ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައިނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
"ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށާއި ހެއްކަށް ބަލައި މިހާތަނަށް އަދި ފިޔަވަޅެއް އަޅާފައިނުވި ނަމަވެސް، ތަހުގީގުގެ ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެވާހަކަ ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓުގައި ޒަހަމްވި މީހާއަށް ލިބުނު އިތުރު އަނިޔާތަކުގެ ވާހަކަ ފުލުހުން ހާމަކޮށްފައިނުވިނަމަވެސް، މަޢުލޫމާތު ލިބޭ ގޮތުގައި އެމީހާގެ އަތް ބުރިވުމުގެ އިތުރުން ދެފައި ބިދި އަދި ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޯންޗުގެ ބުރަފަތިން ޖެހި ބޮޑެތި ޒަހަމް ތަކެއް ވަނީ ލިބިފައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށްދީފައިނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް