ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ، ސަރުކާރު ހިންގުމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ޤާނޫނުތައް އަވަހަށް ފާސްކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އޮންނަގޮތުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ ޗުއްޓީއަކަށް ދާނެކަމަށާއި އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކުރަމުން ގެންދަނީ ވީހާވެސް ބޮޑަކަށް ސަރުކާރު ހިންގުމަށް، ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޤާނޫނުތައް އަވަހަށް ފާސްކުރުމަށްކަމަށެވެ.
އެހެންކަމުން، ޒުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުން ފާސްކުރަންޖެހޭ މުހިންމު ބިލުތަކެއް ހުރިކަން ފާހަގަކުރައްވަމުން، ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ ކޮމިޓީތަކުގެ މަސައްކަތްތަކަށް ޖާގަ ލިބޭ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައެވެ.
"އެގޮތުން ބަލާއިރު މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. އެ މަސައްކަތްތައް ނިންމައި، މަޖިލީހުން ފާސްކުރެވިގެން މިއަންނަނީ ކޮމިޓީތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ދެ ހަފްތާގެ ޗުއްޓީއަކަށް ފަހު ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން 1 ގައިކަމަށް ވެސް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް