ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި މަކަރާއި ހީލަތުން އާންމުންގެ މަޢުލޫމާތު ހޯދަން މަސައްކަތްކުރާ ބައެއް ވައިބާއިން ސްކޭމް ކޯލުތަކާއި މެސެޖުތައް ކުރާތީ ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
އެގޮތުން، ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ފޭސްބުކް ޕޭޖުގައި މިކަން ހާމަކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ، މި ސްކޭމަރުން އެޗްޑީސީ ހައުސިން ޑިވެލޮޕްމަންޓް ކޯޕޯ ކިޔާ ދޮގު ނަމެއް ބޭނުންކޮށްގެން ވައިބަރ މެސެޖާއި ފޯނު ކޯލްތައް މެދުވެރިކޮށް މީހުންނާ ގުޅައި މަކަރު ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި މި ފަރާތްތަކުން 7933128 އާއި 7956509 މި ދެ ނަންބަރުން ގުޅައި، އެކިއެކި މަޢުލޫމާތު ކަށަވަރުކުރަން އެދޭކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ، މި ސްކޭމްތަކުގައި ވެރިފިކޭޝަނެއްގެ ގޮތުގައި ދައްކައިގެން ޖީމެއިލް އެކައުންޓްތަކަށް ވަދެވޭތޯ ވެސް މަސައްކަތްކުރާކަމަށާއި މިފަދަ މަކަރުވެރި އަމަލުތަކުން ރައްކާތެރިވުމަށް އެންމެން ވެސް ސަމާލުވާންޖެހޭކަމަށާއި ވައިބާ އެކައުންޓުތައް މެދުވެރިކޮށް އެޗްޑީސީ އިން ރައްޔިތުންނާ މުއާމަލާތް ނުކުރާނެ ކަމަށާއި އެޗްޑީސީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ، އެ ކުންފުނީގެ ރަސްމީ ނަންބަރުތަކުން ނުވަތަ ވެބްސައިޓުން އެ މަޢުލޫމާތު ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މިއީ އެޗްޑީސީގެ ރަސްމީ މުވާސަލާތެއް ނޫން ކަމަށާއި، މިފަދަ މެސެޖެއް ނުވަތަ ފޯނު ކޯލެއް ލިބިއްޖެނަމަ އެއަށް ޖަވާބު ނުދިނުމަށާއި، އަމިއްލަ މަޢުލޫމާތު ހިއްސާނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް