ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ބޮޑުކަމަށ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް، މީހުން ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމި ހާސިލްކުރާ ކުދިންނަށް މިހާރަށްވުރެ ރަނގަޅު ފުރުޞަތުތައް ހޯދައިދީ ކަންކަން ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް ކަމަށެވެ.
މީގެ އިތުރުން، އެކި ދާއިރާތަކުން ކިޔަވާފައިތިބި ބައިވަރު ކުދިން އުފައްދަން ބޭނުންފުޅުވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނޭރިންގ، މެތެމެޓިކްސްގެ ދާއިރާތަކުން ނުވަތަ ސްޓެމްގެ ދާއިރާތަކުގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރުތަކުގައި ކޮންމެވެސް ސަބަބަކާއިހުރެ މަދުވެފައިވާ ކަމަށާއި އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަފުކުގައި މުޅިންވެސް ބައްދަލުވަނީ އެކައުންޓިންގ، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ ކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި މި ދާއިރާތައް ފަދައިން، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ބޮޑުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަމަށާއި ރާއްޖޭގައި ހިންގާ ބައިވަރު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަމަށެވެ.
އަދި ސްޓެމްގެ ދާއިރާތަކަށް އިސްކަން ދިނުމަށްޓަކައި ސަރުކާރުގެ ލޯނު ސްކީމްގައިވެސް އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާނެ ކަމަށާއި ވަޒީފާ ދިނުމުގައިވެސް އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިން، ސަރުކާރު ވަޒީފާއަށް ރަނގަޅު މުސާރައަކާއެކު ނެގުމަށް އިސްކަންދެއްވަން ފައްޓަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް