ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރަމަޟާން މަހާ ގުޅިގެން މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ. މި ބަދަލާ ގުޅިގެން މާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށެވެ.
ވެމްކޯގެ މެނޭޖަރ އިބްރާހީމް ހަނީފް ވިދާޅުވި ގޮތުގައި މި ބަދަލު ގެނެވޭނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއަށެވެ. މާލޭގައި މި ބަދަލު ތަންފީޒުކުރަން ފަށާނީ މާރިޗު 23 ވަނަ ދުވަހުން ފެށިގެން ކަމަށާއި، ހުޅުމާލެ އަދި ވިލިމާލޭގައި މި ބަދަލު ގެނެވޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ހުޅުމާލޭގައި ކުނި ނަގާނީ ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް ކަމަށާއި، ވިލިމާލޭގައި ކުނި ނަގާނީ ރޭގަނޑު 9:30 އިން ދަންވަރު 1:30 އަށް ކަމަށް ވެމްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ކުނި ނަގަން ފަށާ ގަޑީގެ ގަޑިއެއްހާއިރު ކުރިން ރަނގަޅަށް ކުނި ޕެކްކޮށް، ދޮރުކައިރީ ބޭރުގައި ބަހައްޓާލުމެވެ،" ހަނީފް ވިދާޅުވިއެވެ. އަދި ކުނި ނަގަން ފަށާ ވަގުތަށްވުރެ ލަހުން ކުނި ނެރުމުން ވެމްކޯއަށް ޚިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވެމްކޯއިން ވަނީ ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާނަމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދުކޮށް ވަކިން ބެހެއްޓުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި އާންމު ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކާއި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުގެ ޚިދުމަތްދޭ ގަޑިތައްވެސް އިޢުލާނުކުރާނެ ކަމަށް ވެމްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް