ބެންކޮކްގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި ގޮވުމެއް ގޮވައި 9 މީހަކު ޒަޚަމްވެއްޖެ

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ އިރުމަތީ ސަރަހައްދުގައި ހުންނަ ބަންގްޗަކް ކޯޕަރޭޝަންގެ ޕްރާ ޚަނޮންގް ތެޔޮ ރިފައިނަރީގައި މިއަދު މެންދުރުފަހު ގޮވުމެއް ގޮވައި އަލިފާން ރޯވުމުން، 9 މީހަކު ޒަޚަމްވެއްޖެއެވެ.

ބެންކޮކް ސިޓީން ހިންގާ އީރަވަން އެމަޖެންސީ މެޑިކަލް ސެންޓަރުން ފުރަތަމަ ހާމަކުރި ގޮތުގައި ހާދިސާގައި 7 މީހަކު ޒަޚަމްވެ، އޭގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް ފަހުން ލިބުނު މައުލޫމާތުތަކާ އެއްގޮތަށް ޒަޚަމްވި މީހުންގެ އަދަދު 9 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 3 މީހެއްގެ ހާލު ސީރިއަސްއެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ އަނދާފައެވެ.

ތައިލެންޑުގެ ވަގުތުން 14:45 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން، ރިފައިނަރީ ހުންނަ ސަރަހައްދުގެ ވަށައިގެން ދިރިއުޅޭ މީހުންނަށް ވަގުތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވެއެވެ. ކައިރީގައި ހުންނަ ސްކޫލުތަކުން ދަރިވަރުން ވެސް ވަނީ ބޭރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނުނު ގޮތުގައި ރިފައިނަރީން އަލިފާންގަނޑު މައްޗަށް އަރަމުން ދިޔައިރު، ބެންކޮކްގެ އުޑުމަތި ވަނީ ކަޅު ދުމުން ފޮރުވިފައެވެ.

ބަންގްޗަކް ކޯޕަރޭޝަނުން ބުނީ، އަލިފާން ވަނީ ގާތްގަނޑަކަށް 30 މިނެޓުތެރޭ ނިއްވާލެވިފައި ކަމަށާއި، ރިފައިނަރީގެ ހުރިހާ ޕްރޮޑަކްޝަން ޔުނިޓްތަކެއްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. ހާދިސާ ހިނގި ސަބަބު ދަނީ ތަހުގީގުކުރަމުންނެވެ. ރިފައިނަރީގެ ވަށައިގެން ކުރި ހަވާގެ ފެންވަރު ބެލުމަށް ކުރި ޓެސްޓުތަކުން ހަވާ އާދައިގެ ހާލަތުގައި ހުރިކަން ފެނިފައިވާ ކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ވިދާޅުވީ، ސަރުކާރުން މި ހާލަތު ގާތުން ބަލަމުން ގެންދާ ކަމަށާއި، އަލިފާން ރޯވެފައިވަނީ ރިފައިނަރީގެ މައި އުފެއްދުންތައް ހިންގާ ބައިގައި ނޫން ކަމަށް ބެލެވޭ ކަމަށެވެ.

ދުވާލަކު 120،000 ފީފާގެ ތެޔޮ ސާފުކުރުމުގެ ޤާބިލުކަން ލިބިފައިވާ މި ރިފައިނަރީގައި 2012 ވަނަ އަހަރުގެ ޖުލައި މަހު ވެސް ގޮވުމެއް ހިނގައި ބޮޑު އަލިފާނެއް ރޯވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް