ޕާކިސްތާނުގެ ސީރީޒް މަނާކުރަން ގޮވާލުމަށް, މިނިސްޓަރު އަހްސަން އިގްބާލް ރައްދުދެއްވައިފި

ނެޓްފްލިކްސްއަށް އަންނަ ޕާކިސްތާނުގެ ފުރަތަމަ ސީރީޒް "ޖޯ ބަޗޭ ހޭ ސަންގް ސަމައިތު ލޯ" އިންޑިއާގައި މަނާކުރުމަށް އެ ޤައުމުގެ ފިލްމީ ޖަމިއްޔާއަކުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވާލުމާ ގުޅިގެން، ޕާކިސްތާނުގެ ޕްލޭނިންގ މިނިސްޓަރު އަހްސަން އިގްބާލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

"އޯލް އިންޑިއަން ސިނެ ވޯކާސް އެސޯސިއޭޝަން" އިން މޯދީއަށް ހުށަހެޅި ހުށަހެޅުމުގައި، މި ސީރީޒް އިންޑިއާގައި ނުދައްކާ ގޮތަށް ހަމަޖެއްސުމާއި ޕާކިސްތާނުގެ ހުރިހާ ފަންނީ އުފެއްދުންތަކެއް އިންޑިއާގައި ދާއިމީކޮށް މަނާކުރުމަށް ވަނީ އެދިފައެވެ.

އެ ގޮވާލުމާ މެދު "އެކްސް"ގައި ނުރުހުން ފާޅުކުރައްވަމުން، ސިޔާސީ ކަންކަމުގެ ތެރެއަށް ކުޅިވަރާއި ފަންނުވެރިކަން ވައްދައި، ސަޤާފަތް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް އިގްބާލް ވަނީ ތުހުމަތުކުރައްވާފައެވެ.

"ކްރިކެޓް މެޗަކީ ސިޔާސީ ނުރައްކަލެއް ކަމާއި، ޓީވީ ޑްރާމާއަކީ ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ދެކޭނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކިހާވަރަކަށް ކުޑަވެގެން ހެއްޔެވެ؟ އިންޑިއާ ތިޔައަށްވުރެ ހަރުދަނާވާން ޖެހޭ. ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ދީ، ފަންނާނުންނަށް އުފެއްދުންތެރިކަމުގެ މިނިވަންކަން ދީ، ބަލާނެ އެއްޗެއް ނިންމުމުގެ އިޚްތިޔާރު ބެލުންތެރިންނަށް ދޫކޮށްލަދީ،" ވަޒީރު ވިދާޅުވިއެވެ.

އިގްބާލް ފާހަގަކުރެއްވި ގޮތުގައި، މި ސީރީޒަކީ ޕާކިސްތާނުގެ ޑްރާމާ ސިނާޢަތާއި އެ ޤައުމުގެ ހުނަރުވެރި ފަންނާނުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފިޔަޖަހައިލުމަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ.

ލިޔުންތެރިޔާ ފަރްހަތު އިޝްތިއާގްގެ މަޤްބޫލު ވާހަކައެއްގެ މައްޗަށް ބިނާކޮށް މޮމިނާ ދުރައިދު ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގައި ފަވާދު ޚާން، މާހިރާ ޚާން، ސަނަމް ސައީދު އަދި އަހަދު ރަޒާ މީރު ފަދަ ތަރިން ހިމެނެއެވެ.

ސީރީޒް ނެޓްފްލިކްސްގައި ދައްކަން ތާވަލުކޮށްފައިވަނީ ޑިސެމްބަރު 4 ގައެވެ. ނަމަވެސް އިންޑިއާގައި މި ސީރީޒް ދައްކާނެ ކަން އަދި ކަށަވަރެއް ނޫނެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް އަދާވާތްތެރިކަމާ ގުޅިގެން، ޕާކިސްތާނުގެ ފަންނީ އުފެއްދުންތައް އިންޑިއާގައި މަނާކޮށް، އެ ޤައުމުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތްކުރުމުގެ ފުރުޞަތު ވެސް ވަނީ ހުއްޓުވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް