ތުރުކީވިލާތުގެ އެސްކިޝެހިރް ޕްރޮވިންސްގައި، އެ ޤައުމުގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ތަމްރީނު ދަތުރެއްގައި އުޅެނިކޮށް ވެއްޓި، އޭގައި ދަތުރުކުރި ފަސް ސިފައިން މަރުވެއްޖެ ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، ވެއްޓިފައިވަނީ ވައިގެ ސިފައިން ބޭނުންކުރާ އޭއެސް-532 "ކޫގަރ" މަރުކާގެ ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓަރު ވެއްޓުނީ ތަމްރީނު މިޝަނަކަށް އެސްކިޝެހިރުން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް، އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "އެސްކިޝެހިރްގައި ތަމްރީނު ފްލައިޓެއްގައި ދަތުރުކުރި ތުރުކީގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި، އަޅުގަނޑުމެންގެ ހިތްވަރުގަދަ ފަސް އެކުވެރި ސިފައިން ވަނީ ޝަހީދުވެފައި" ކަމަށެވެ.
މަރުވި ސިފައިންގެ ޢާއިލާތަކަށާއި، ތުރުކީގެ ހަތިޔާރުއެޅި ފައުޖުތަކަށާއި، ޤައުމުގެ ހުރިހާ ރައްޔިތުންނަށް ވުޒާރާއިން ވަނީ ތަޢުޒިޔާ ފޮނުވާފައެވެ.
"ކޫގަރ" އަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އަސްކަރިއްޔާތަކުގައި ބޭނުންކުރާ، ދެ އިންޖީނުގެ ހެލިކޮޕްޓަރެކެވެ.
ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބެއް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވާއިރު، ހާދިސާއާ ގުޅޭ ތަޙުޤީޤު މިހާރު ދަނީ ކުރަމުންނެވެ.





