ސޯލާ އާއި ބެޓެރި ސްޓޯރޭޖް ހިމެނޭ 150 މެގަވޮޓްގެ ނިޒާމުތަކެއް ޤާއިމުކުރަން ގޯޝެންގ އެނަރޖީއާ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީއާއި ބެޓެރި އެނަރޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ޖުމްލަ 150 މެގަވޮޓްގެ ހައިބްރިޑް ނިޒާމުތަކެއް ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) އުސޫލުން ޤާއިމުކުރުމަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޗައިނާގެ ގޯޝެންގ އެނަރޖީ ކޮމްޕެނީ ލިމިޓެޑާއެކު ފްރޭމްވަރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢު ފުރިހަމަވުމުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދާއި ކަރަންޓު ސަބްސިޑީއިން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198،283 ޓަނު މަދުކުރެވޭނެއެވެ.

ސްޓެލްކޯގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޢަލީ ޝަރީފެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ. މި ސަރުކާރު ފެށިއިރު 56 މެގަވޮޓުގައި ހުރި އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ މިހާރު 136 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި 150 މެގަވޮޓްގެ ނިޒާމު ފުރިހަމައަށް ޤާއިމުކުރެވުމާއެކު، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ ލަނޑުދަނޑީގެ 60 އިންސައްތަ ޙާޞިލުވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވެސް ވަނީ، މިއީ ރާއްޖޭގެ ރަށްތަކުގެ ހަކަތައިގެ ހާލަތު ރަނގަޅުކުރުމަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް