ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުން ހަނިކުރުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅި ކަރުދާހުގައި، ހަރުކަށި ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރުމަށްވުރެ ބޮޑަށް އިސްކަންދީފައިވަނީ ބެލެނިވެރިންނާއި ކުދިން ހޭލުންތެރިކުރުވުމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސަރުކާރުން މި ކަރުދާސް އެކުލަވާލިއިރު ކަމާ ގުޅޭ އެކި އިދާރާތަކުން ކުރެވިދާނެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ބަލާފައިވާ ކަމަށާއި، ޚާއްޞަކޮށް ތައުލީމީ ދާއިރާގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތަކަށް ވެސް ރިއާޔަތްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ މުހިންމު ކަމަކީ މައުލޫމާތު ދީގެން ރައްކާތެރިވާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށް ވިދާޅުވި އިޙްސާން، "އެއްކަމެއް ރެސްޓްރިކްޝަންސްތަކެއް އަޅާފައި އެ އެންފޯސްކުރުމަށްވުރެ ބޮޑަށް ވަރަށް ބޮޑަށް މީހުން ހޭލުންތެރިކުރުވައިގެން މީގެން ރައްކާތެރިކުރެވޭނެ މަގުތައް ހޯދައިގެން. އޭގެން ދެން ޕެނިޓްރޭޓް ވެގެން އަންނަ ފަރާތެއް ވެއްޖެއްޔާ މި ރެސްޓްރިކްޝަންސްތަކުން ވެސް ކެޕްޗަރ ކުރެވިދާނެ ގޮތެއް އަޅުގަނޑުމެން ބޮޑަށް މި ބަލަނީ" ޔާއި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަކި އުމުރެއްގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވުމަށް ހަރުދަނާ އުސޫލުތަކަކާއި ސިޔާސަތެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރިއަށް ގެންދަމުންނެވެ.
ދުނިޔޭގެ ބޮޑެތި ސޯޝަލް މީޑިއާ ކުންފުނިތަކުން ކުދި ޤައުމުތަކާއެކު މިފަދަ ކަންކަމުގައި މަޝްވަރާކުރުމަކީ އާންމު އުސޫލެއް ނޫން ނަމަވެސް، ސަރުކާރުގެ މިސްރާބު ސާފުވެ މަޝްވަރާގެ މަރުޙަލާ ނިމުމުން އެ ކުންފުނިތަކާއެކު ވެސް ވާހަކަދައްކަން ގަސްދުކުރައްވާ ކަމަށް އިޙްސާން ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން އެ ކުންފުނިތަކުން ކިހާވަރަކަށް ބައިވެރިވާނެތޯ ބަލަންޖެހޭ ކަމަށާއި، ފަންނީ ހައްލުތައް ފުރިހަމަވުމުން އެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު އަދި މަޝްވަރާތައް ފަށާފައި ނުވަނީ މަސައްކަތް އަދި އޮތީ ކުރީކޮޅުގައި ކަމުން ކަމަށާއި، ސިޔާސަތު ތަންފީޒުކުރުމުގެ މަރުޙަލާއަށް ދާއިރު އެ ކުންފުނިތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
ވަކި އުމުރަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މަނާކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިޢުލާނުކުރައްވާފައެވެ.





