އަލް-އިބްރާހީމީ މިސްކިތް މުސްލިމުންނަށް ބަންދުކޮށް، ޔަހޫދީ ވަޒަންވެރިންނަށް ޚާއްސަކޮށްފި

އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލްގައި ހުންނަ މުޤައްދަސް އަލް-އިބްރާހީމީ މިސްކިތް، ޔަހޫދީންގެ އަހަރީ މުނާސަބަތަކާ ގުޅިގެން ފަލަސްޠީނުގެ މުސްލިމުންނަށް މުޅިން ބަންދުކޮށް، ހަމައެކަނި ޔަހޫދީ ވަޒަންވެރިންނަށް ޚާއްސަކޮށްފިއެވެ. މިސްކިތުގެ ގޯތިތެރެއާއި ނަމާދުކުރާ ހުރިހާ ބައިތަކެއް ހިމެނޭހެން މި ފިޔަވަޅު އަޅާފައިވަނީ ނޮވެމްބަރު 6 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުން ފެށިގެން ނޮވެމްބަރު 7 ގެ ރޭގަނޑު 10:00 އާ ހަމައަށެވެ.

އަލް-އިބްރާހީމީ މިސްކިތުގެ ޑިރެކްޓަރު މުޢުތަޒް އަބޫ ސުނައިނާ މަޢުލޫމާތު ދެއްވި ގޮތުގައި، މި މުއްދަތުގެ ތެރޭގައި މުސްލިމުންނަށް އެތަނަށް ވަދެ އަޅުކަން ކުރުން މަނާކުރުމުގެ އިތުރުން، މިސްކިތުގައި ބަންގި ގޮވުންވެސް އިސްރާއީލުން ވަނީ މަނާކޮށްފައެވެ.

އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާގެފާނުގެ ހަށިކޮޅު ފަސްދާނުވަޑުވާފައިވާ ކަމަށް ބުނެވޭ ތަނުގައި ޔަހޫދީން ފާހަގަކުރާ މި ޢީދަށް، ގާތްގަނޑަކަށް 20,000 އެއްހާ ޔަހޫދީ ވަޒަންވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. އެއާ ގުޅިގެން އިސްރާއީލުގެ ސިފައިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ޚަލީލްގެ ބޮޑު ސަރަޙައްދެއް ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ގެދޮރަށް ވަދެނުކުތުމަށްވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މުސްލިމުންނާއި ޔަހޫދީން ދެފަރާތުންވެސް މާތްކޮށް ހިތާ މި މިސްކިތުގެ ސަލާމަތީ ކަންކަން، 1997 ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އޮންނަނީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައެވެ. ނަމަވެސް ފަލަސްޠީނުގެ މުނިސިޕަލްޓީއަށް ލިބިފައިވާ ޢިމާރާތްކުރުމުގެ ބާރުތައް، އިސްރާއީލުގެ މާލީ ވަޒީރު ބިޓްޒަލެލް ސްމުތުރީޗު މިދިޔަ ޖޫން މަހު ވަނީ ގަދަކަމުން އަތުލައިގަނެފައެވެ. ފަލަސްޠީނުގެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ މުޅި މިސްކިތް ފޭރިގަނެ، އެތަން އެއްކޮށް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް ރާވައިގެން ހިންގާ ޢަމަލެކެވެ.

މިސްކިތް ބަންދުކުރުމުގެ މި ފިޔަވަޅު އަޅާފައި މިވަނީ، ޚަލީލް ސިޓީގައި އިސްރާއީލު ސިފައިން ހިންގި 10 ދުވަހުގެ ވަރުގަދަ އަސްކަރީ ހިސާރު ނިމުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެ އަސްކަރީ ހަރަކާތުގެ ތެރޭގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، 15 ގެއެއް ތަޅައިލުމުގެ އިތުރުން 3,300 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުން ނެރެ މަގުމަތިކޮށްފައެވެ. ސިފައިންގެ ހިމާޔަތުގައި ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ބިންތަކާއި މިލްކިއްޔާތުތައް ފޭރިގަނެ، އެ ސަރަޙައްދުގައި ބާރު ގަދަކުރުމުގެ ޢަމަލުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް